ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕްގެ ކުދި ވިޔަފާރިތައް ރަޖިސްޓަރީ ކުރުމުގައި އިތުރު ލުޔެއް ދީފި

ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕް ތަކަށް މީރާއިން އިތުރު ލުޔެއް ދީފިއެވެ. އެއީ، އެފަދަ ފަރާތަކަށް، އެވްރެޖްކޮށް މަހެއްގެ ތެރޭގައި ލިބޭ އާމްދަނީ -/40،000 ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، މީރާގައި ރަޖިސްޓަރީކުރަން ނުޖެހޭގޮތަށް ހަމަޖެއްސުމެވެ. މީގެކުރިން މި ކަމަށް ކަނޑައަޅާފައިވާ އަދަދަކީ 20,000/- ރުފިޔާ އެވެ.

ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕްތަކަށް އާމްދަނީ ލިބޭ ނިސްބަތް ފިޔަވައި، އެ ފަރާތްތަކުން ބީ.ޕީ.ޓީ އަށް ރަޖިސްޓަރީކުރުން ލާޒިމުވާ އެހެން ޝަރުތު ތަކަކީ، ވިޔަފާރިއެއް ކުރުމަށްޓަކައި އެ ފަރާތަކުން ދައުލަތުގެ އެއްވެސް އިދާރާއެއްގެ ހުއްދަ ހޯދުމާއި، މުސާރަ ދީގެން މުވައްޒަފުން ގެންގުޅުމެވެ. 

ކުދި ވިޔަފާރިތަކަށް ފަހަކަށް އައިސް މީރާއިން ދީފައިވާ ލުއިގެ ތެރޭގައި، އެ ފަރާތަކަށް އަހަރަކު ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ، މީރާއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތް ހަމަޖެއްސުމާއި، ހިސާބުތައް ތައްޔާރު ކުރުމުގައި "ކޭޝް ބޭސިސް" އިޚުތިޔާރު ކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕް ތަކުގެ ތެރެއިން އަހަރަކު 1 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން މީރާއަށް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން ވެސް ހިމެނެއެވެ.  

02-02-17