22. ބިލިއަން ރުފިޔާއާ އެކު ޖަނަވަރީ މަހު މީރާއަށް ރެކޯޑް އަދަދެއްގެ އާމްދަނީ ބަލައިގެންފި

ޖަނަވަރީ 2017 ގައި މީރާއަށް 2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މިއީ، އެ އޮތޯރިޓީގެ ތާރީޚުގައި މީލާދީ މަހެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ ބަލައިގަތް ފަހަރެވެ.

ޖަނަވަރީ މަހަކީ ޓެކުހުގެ މުހިއްމު ސުންގަޑިތަކެއް އަންނަ މަހެކެވެ. އެ ގޮތުން މިދިޔަ ޖަނަވަރީ 29 ވަނަ ދުވަހަކީ 2016 ގެ ފަހު ކުއާޓަރ އަދި ޑިސެންބަރު މަހުގެ ޖީ.އެސް.ޓީ ދެއްކުމުގެ ފަހު ދުވަހެވެ. އަދި ޖަނަވަރީ 31 ވަނަ ދުވަހަކީ 2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހު ދުވަހެވެ.

ސުންގަޑިއަށް ޓެކްސް ބަޔާންތައް ހުށަހަޅައި ފައިސާ ދެއްކުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން، މީރާގެ އޮފީސްތަކުގެ އިތުރުން، ޖަނަވަރީ 29 އިން 31 ގެ ނިޔަލަށް ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ޤާއިމުކޮށް، މި މަހުގެ ތެރޭގައި 28،000 އަށް ވުރެ ގިނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.

01-02-17