އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކޮށްފިއެވެ.

އެއަރޕޯޓް ސަރވިސް ޗާޖަކީ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ގެ ރޭޓުގައި މިހާރުވެސް ނަގަމުން އަންނަ ޓެކުހެކެވެ. އާ ގަވާއިދުގެ ދަށުން، 8 ޑިސެންބަރު 2016 ގެ ފަހުން ފުރާ ފަސިންޖަރުންގެ ފައިސާ އެއަރލައިން ތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ޓެކުހުން އިސްތިސްނާ ވެއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ 1 މެއި 2017 ގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ގެ ރޭޓުގައި ނެގުމަށް ހަމަޖައްސާފައިވާ ފީ އެކެވެ. މި ފައިސާ ވެސް އެއަރލައިން ތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ. ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް މި ފީ އިން ވެސް އިސްތިސްނާ ވެއެވެ.   

23-01-17