"ހޭވައްލާ - ސާފުކުރަމާ" ގެ ނަމުގައި މީރާއިން އިސްނަގައިގެން މާލެ ސާފުކުރުމުގެ ހަރަކާތެއް ހޮނިހިރު ދުވަހު ބާއްވަނީ

މީރާއިން އިސްނަގައިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހޮނިހިރު ދުވަހު ބޭއްވުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. "ހޭވައްލާ–ސާފުކުރަމާ" ގެ ނަމުގައި ހިންގާ މި ހަރަކާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިތުރުން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސްކޫލުތަކާއި ކޮލެޖުތަކުން ޖުމްލަ 1،000 އަށް ވުރެ ގިނަ މުވައްޒަފުންނާއި ކުދިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ބޮޑު އިވެންޓެއް އިންތިޒާމު ކުރުމުގެ މައިގަޑު މަގްޞަދަކީ މަގުތަކަށާއި ޢާއްމު ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓުވުމުގައި ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދީ، އެންމެން ދިރިއުޅޭ ވެއްޓަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެންހުރި ކަންތައްތަކަށް ހޭލުންތެރިކުރުވުން ކަމުގައި މީރާއިން ހާމަ ކުރެއެވެ.

މިއީ، މީރާ އިން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާ ގެ ހަރަކާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ފުރަތަމަ ހަރަކާތެވެ. މީރާއަކީ ދައުލަތުގެ މިނިވަން މުވައްސަސާތައް ގުޅިގެން އިޖުތިމާޢީ ޒިންމާ ގެ ހަރަކާތްތައް ހިންގުމަށްޓަކައި އުފައްދާފައިވާ "އާރޯ" ގެ މިއަހަރުގެ "ޗެއަރ" އެވެ.

18-01-17