އަހަރަކު ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާނަމަ "ކޭޝް ބޭސިސް" ބޭނުން ކުރުމުގެ އިޚްތިޔާރު ޓެކްސްދައްކާ ފަރާތްތަކަށް ދީފި

އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، ޓެކްސް އަހަރު 2016 އިން ފެށިގެން އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކުރުމުގައި "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވޭގޮތަށް މީރާއިން ހަމަޖައްސައި، ހިސާބު ބެލެހެއްޓުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލުޔެއް ދީފިއެވެ. އެނޫން ފަރާތްތަކުން ޚިޔާރުކުރަން ޖެހެނީ ކުރިއެކޭވެސް އެއްގޮތަށް "އެކްރުއަލް ބޭސިސް" އެވެ.

މީރާއިން މިގޮތަށް ހަމަޖެއްސީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީ.ޕީ.ޓީގެ ގަވާއިދަށް މިއަދު ގެނައި 11 ވަނަ އިސްލާހުގެ ދަށުންނެވެ.

ކުދި ވިޔަފާރިތަކުން ހިސާބުތައް ބެލެހެއްޓުމުގައި ލުއި ދިނުމުގެ ގޮތުން، މީރާއިން މި އިސްލާޙު ގެނައުމުގެކުރިން "ކޭޝް ބޭސިސް" އިޚުތިޔާރު ކުރެވެނީ އަހަރަކު 5 މިލިޔަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށެވެ.

"ކޭޝް ބޭސިސް" ގައި އާމްދަނީ އާއި ޚަރަދުތައް ހިމަނަން ޖެހޭނީ ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީޚެއް ގައެވެ.

"އެކްރުއަލް ބޭސިސް" ގައި އާމްދަނީ އާއި ޚަރަދުތައް ހިމަނަން ޖެހޭނީ (ފައިސާ ލިބުނަސް ނުވަތަ ނުލިބުނަސް) އެކަމެއް ނިސްބަތްވާ ތާރީޚެއް ގައެވެ.

މީރާއިން މިއަދު ވަނީ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގައި ވަކި ފަރުދުންނަށް ދީފައިވާ ލުއި، އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ "ޑީމްޑް ޕާޓްނަރޝިޕް" ތަކަށް ވެސް، ޓެކްސް އަހަރު 2016 އިން ފެށިގެން، ދީފައެވެ. އެއީ، އަހަރަކު އާމްދަނީ 750,000 ރުފިޔާ އަދި ފައިދާ 500,000 ރުފިޔާ އަށްވުރެ މަދުން ލިބޭ ފަރާތްތައް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުމެވެ.

މީގެ އިތުރުން ކުންފުންޏެއް އުވާލަން ހުށަހަޅާ ތާރީޚުގެ ފަހުން ހިނގާ މުއްދަތުތަކަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅަން ނުޖެހޭގޮތަށް ވެސް މީރާއިން ވަނީ ހަމަޖައްސާފައެވެ. މިހާރު އުވާލަން ހުށަހަޅާފައިވާ ހުރިހާ ކުންފުންޏަކަށްވެސް މި ލުއި ލިބޭނެއެވެ. 

17-01-17