މާލޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް 13 މާރޗް 2012 ގައި އާންމުކޮށްފައިވާ ޕޮލިސީގެ ދަށުން މިފަދަ ފަރާތްތަކުގެ މަޢުލޫމާތު 29 މާރޗް 2012 ވީ ބުރާސްފަތި ދުވަހު މިއޮތޯރިޓީގެ ވެބްސައިޓްގައި ހާމަކޮށްފިއެވެ. މިޕޮލިސީގެ ދަށުން ހާމަކުރަނީ ކޮންމެ ކުއާޓަރެއް ނިމުމަށްފަހު ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެތާރީޚުގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ މަޢުލޫމާތެވެ. މިގޮތުން ފުރަތަމަ ހާމަކުރީ އޮކްޓޯބަރ 2011 އިން ޑިސެމްބަރ 2011ގެ ޓެކްސްނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެތާރީޚުގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތެވެ. އަދި އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން މިމުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ މަޢުލޫމާތު 12 އެޕްރީލް 2012ގައި ހާމަކުރެވޭނެއެވެ.

 

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެތަކެއް ފަހަރަކު ފޯނުން ގުޅާ، އަދި ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ވަނީ ކިޔާދެވިފައެވެ. މީގެ އިތުރުން އީ-މެއިލް އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ވަނީ ޒިޔާރަތް ކޮށްފައެވެ. ނަމަވެސް އެއްގޮތަކަށްވެސް ނުގުޅޭ 22 ފަރާތެއް މި ލިސްޓުގައި ހިމެނެއެވެ.

 

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ 4298 ފަރާތުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ 20 ފަރާތަކާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ 105 ފަރާތެއްގެ ނަން 29 މާރޗް 2012 ގައި މީރާގެ ވެބްސައިޓް www.mira.gov.mv ގައި  ވަނީ އާންމު ކުރެވިފައެވެ. އަދި 12 އޭޕްރިލް 2012ވަނަ ދުވަހު މިލިސްޓު ގެޒެޓުގައި ޝާޢިއު ކުރެވޭނެއެވެ. ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތްތަކުގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނި ކުރެވޭނެއެވެ. އަދި މިމަޢުލޫމާތުތައް ވެބްސައިޓްގައި އާންމު ކުރެވުނުކަމުގައި ވީނަމަވެސް ގަވާއިދުން ޖޫރިމަނާ އަރަމުން ދާނެއެވެ. އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އަޅަމުންދާނެއެވެ.

 

މިމަސައްކަތުގައި ޓެކްސްޕޭޔަރުންގެ ފަރާތުން މީރާއަށް ދެއްވާފައިވާ އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

02-04-12