ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށްކުރާ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން ރެމިޓެންސް ޓެކްސްގެ ގަވާއިދަށް މިއަދު އިސްލާހެއް ގެނެސްފިއެވެ.

މި އިސްލާހުގައި ރާއްޖޭގައި ވާކް ވީޒާއެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީއެއްގެ ޑިޕެންޑަންޓެއް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވާކް ވީޒާ އެއްގެ ދަށުން މަސައްކަތްކުރަމުންދާ ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ.

އަދި މި އިސްލާހުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް، ނުވަތަ "ޑިޕެންޑެންޓް ވީޒާ" އެއް އޮތް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ދިވެހިރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފިނަމަ، އެ ފަރާތާއި ދޭތެރޭ ފިޔަވަޅު އެޅޭނެކަމަށް ކަނޑައަޅާފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން ޖޫރިމަނާވާނެއެވެ.

މީގެ އިތުރުންވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ނަގާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެކަމަށް ރެމިޓެންސް ޓެކްސް ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައިވެއެވެ.

16-01-17