2016 ގައި މީރާއަށް ބަލައިގަތް އާމްދަނީ 11.2% އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2016 ވަނަ އަހަރު ބަލައިގަތް ޖުމުލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 11.2% އިތުރުވެއްޖެއެވެ. މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، 2016 ވަނަ އަހަރު މީރާއަށް ބަލައިގަނެފައި ވަނީ 14.52 ބިލިއަން ރުފިޔާއެވެ. އަދި 2015 ވަނަ އަހަރު މީރާއަށް ބަލައިގަނެފައި ވަނީ 13.05 ބިލިއަން ރުފިޔާއެވެ.

2016 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %43.2 ނުވަތަ 6.27 ބިލިއަން ރުފިޔާއެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ %18.9 ނުވަތަ 2.74 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރު ބަލައިގަތް ޖުމުލަ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، 2016 ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.23 ބިލިއަން ރުފިޔާއެވެ. މިއީ 2015 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 26.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ 2016 ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %4.5 އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށްވުރެ އިތުރުވުމެވެ.

ޑިސެންބަރު 2016 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %42.3 ނުވަތަ 521.36 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (294.55 މިލިއަން ރުފިޔާ ނުވަތަ %23.9) އިންނެވެ. އަދި ބީ.ޕީ.ޓީ (118.67 މިލިއަން ރުފިޔާ ނުވަތަ %9.6) އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ (99.80 މިލިއަން ރުފިޔާ ނުވަތަ %8.1) އާއި، ގްރީން ޓެކްސް (56.82 މިލިއަން ރުފިޔާ ނުވަތަ %4.6) އަދި އެހެނިހެން ޓެކުހާއި ފީ (141.69 މިލިއަން ރުފިޔާ ނުވަތަ %11.5) ހިމެނެއެވެ.

ޑިސެންބަރު 2016 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 55.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

11-01-17