20 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކޮށްފި

އަހަރެއްގެ މައްޗަށް 20 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމްކޮށްފިކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައިވާގޮތުން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް ލިބޭ ޖުމުލަ އާމްދަނީ 20 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުން، 1 ޖަނަވަރީ 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ އާއްމު ދާއިރާތަކުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ލާޒިމުވާނީ މީރާގެ އޮންލައިން ޕޯޓަލް ކަމުގައިވާ 'މީރާކަނެކްޓް' މެދުވެރިކޮށެވެ.

އަދި މި ފަރާތްތަކުން 1 ޖަނަވަރީ 2017 ގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޖީ.އެސް.ޓީ ބަޔާންތަކާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހެޅުން ލާޒިމުވާނެ ކަމުގައިވެސް މީރާއިން މައުލޫމާތު ދެއެވެ.

ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމަކީ މިހާރުވެސް ލާޒިމު ކަމެއް ކަމަށްވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

02-01-17