ބުކިންގ ކޮމިޝަނުން ވިތުހޯލްޑިންގ ޓެކްސް ނަގާނެ: މީރާ

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އޮންލައިން ޓްރެވަލް އޭޖެންސީތައް ހިންގާ ފަރާތްތަކަށް ދައްކާ ބުކިންގ ކޮމިޝަނުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެ ކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

28 ޑިސެންބަރު 2016 ގައި ނެރެފައިވާ ސަރކިއުލާއެއްގައި ވާގޮތުން، 1 ޖަނަވަރީ  2017 އިން ފެށިގެން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން %10 ގެ ރޭޓުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެއެވެ. މި ގޮތުން، ޓޫރިސްޓް އެސްޓެބްލިޝްމަންޓަކުން އޮންލައިން ޓްރެވެލް އޭޖެންސީއަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމް އެ ދެ ފަރާތުގެ ދެމެދުގައި ކޮންމެ ގޮތަކަށް ހަމަޖެހިފައި އޮތްކަމުގައި ވިޔަސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އޮންލައިން ޓްރެވަލް އޭޖެންސީތައް ހިންގާ ފަރާތްތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ވިތުހޯލްޑިންގް ޓެކުހަކީ ބީ.ޕީ.ޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ފައިސާއިން %10 ރޭޓުގައި މީރާއަށް ދައްކަންޖެހޭ ޓެކުހެކެވެ.

29-12-16