އަހަރަކު 20 މިލިއަނާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތައް ޖަނަވަރީން ފެށިގެން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހަޅަންޖެހޭ

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އަހަރަކު 20 މިލިއަނާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކުން 1 ޖަނަވަރީ 2017 ގެ ފަހުން ފެށޭ މުއްދަތުތަކުގެ ޖީ.އެސް.ޓީ ބަޔާނާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހަޅަންޖެހޭނެކަމަށް މީރާއިން ހާމަކޮށްފިއެވެ.

28 ޑިސެންބަރު 2016 ގައި މީރާއިން ނެރެފައިވާ ސަރކިއުލާއެއްގައި ވާގޮތުން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 30 މިލިއަން ރުފިޔާއަށް ވުރެ ދަށް، އަދި 20 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖަނަވަރީ 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޖީ.އެސް.ޓީ ބަޔާންތަކާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހަޅަންޖެހެއެވެ. އަދި މި ފަރާތްތަކުން މި ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ބަޔާނާއެކީ ހުށަހަޅަންޖެހޭ އައުޓުޕުޓް ޓެކްސް ސްޓޭޓްމަންޓާއި އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންވާނީ މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' މެދުވެރިކޮށް ކަމުގައިވެސް މި ސަރކިއުލަރގައި ބަޔާންކޮށްފައިވެއެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެންމެ ފުރަތަމަ ޖީ.އެސް.ޓީ ބަޔާނާއެކީ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ލާޒިމުކޮށްފައިވަނީ 1 އޭޕްރިލް 2015 އިން ފެށިގެންނެވެ. އެއީ އަހަރަކު 50 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކަށެވެ. އަދި އެއަށްފަހު އަހަރަކު 30 މިލިއަނާއި 50 މިލިއަނާ ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކުން އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ލާޒިމު ކޮށްފައިވަނީ 1 ޖަނަވަރީ 2016 އިން ފެށިގެންނެވެ.

29-12-16