ޗާޔާ ރީފް އެއްލައިދޫގެ ލީސް ރެންޓްގެ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެއްލައިދޫ އިންވެސްޓްމަންޓް ޕވޓ ލޓޑ. އާއި ދެކޮޅަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް 08 އެޕްރީލް 2012 ވަނަ ދުވަހު ސިވިލް ކޯޓުން އިއްވަވައިފިއެވެ.

 

ކޯޓުގެ ނިންމުމުގައި، ޤާނޫނު ނަންބަރ 2010/03 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ދަށުން، އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ އެގޮތުން ދައްކަން ޖެހޭ ފައިސާގެ ޢަދަދު ތަފްޞީލް ހިމެނޭ ގޮތަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށް ހުށަހަޅާ ލިއުމަކީ ދައްކަންޖެހޭ ޢަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމުގައާއި އަދި ކޯޓުން ހުކުމް ކަނޑައެޅުމަށް އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން، ދަޢުވާގައި ހޯދަން އެދިފައިވާ  19,274.16 ޔޫ.އެސް.ޑޮލަރ 08 އެޕްރީލް 2012 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާސް ކުރުމަށް ހުކުމްކޮށްފައިވެއެވެ.

 

މީރާއިން އެއްލައިދޫ އިންވެސްޓްމަންޓް ޕވޓ ލޓޑ. އާއި ދެކޮޅަށް ދަޢުވާކޮށްފައިވަނީ، 23 މާރޗް 1995ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ އާއި އެއްލައިދޫ އިންވެސްޓްމަންޓް ޕވޓ. ލޓޑ. އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އެއްލައިދޫ އިންވެސްޓްމަންޓް ޕވޓ ލޓޑ. އިން ކުއްޔަށް ހިފާފައިވާ އއ. އެއްލައިދޫގައި ހިންގާ ޗާޔާ ރީފް އެއްލައިދޫ ރިޒޯޓުން ލީސް ރެންޓުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަނޑައެޅިފައިވާގޮތަށް ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

10-04-12