މީރާގެ މުވައްޒަފުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި މީރާ ގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިއީ، މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޒާހިދާއި އެގްޒެކެޓިވް ކޯޑިނޭޓަރ މުންޒިރު އިސްމާޢީލްގެ އިތުރުން ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާ އާއި ފިޔަވަތީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ފައިވެއެވެ. އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި އަހަރުގެ ހަރަކާތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 50،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަނީ ފިޔަވައްޗަށް ހަދިޔާކޮށްފައެވެ.

10-12-16