ނޮވެންބަރު މަހު މީރާއަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ވޭތުވެދިޔަ ނޮވެންބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.01 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިއީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅާ ބަލާއިރު 21 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ ނޮވެންބަރު މަހަށްވުރެ އިތުރުވުމެވެ.

މި ކުރިއެރުން ތަކާއެކު މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މީރާއަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 13.29 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކުރީ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ލިބުނު ޖުމުލަ ޢަދަދަކީ 12.08 ބިލިއަން ރުފިޔާއެވެ.

މީރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ނޮވެންބަރު 2016 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %52.2 ނުވަތަ 525.96 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (87.84 މިލިއަން ރުފިޔާ ނުވަތަ %8.7) އިންނެވެ. އަދި ބީ.ޕީ.ޓީ (84.74 މިލިއަން ރުފިޔާ ނުވަތަ %8.4) އާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން (76.75 މިލިއަން ރުފިޔާ ނުވަތަ %7.6) އާއި، ގްރީން ޓެކްސް (57.2 މިލިއަން ރުފިޔާ ނުވަތަ %5.7) އަދި އެހެނިހެން ޓެކުހާއި ފީ (175.97 މިލިއަން ރުފިޔާ ނުވަތަ %17.4) ހިމެނެއެވެ.

ނޮވެންބަރު 2016 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 42.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް

http://www.mira.gov.mv/reports/Nov2016.pdf

08-12-16