އެޑްވާންސަށް ލިބޭ ފައިސާއިން ޖީ.އެސް.ޓީ ކަނޑައެޅުމުގައި ލުއިގޮތެއް ހަމަޖެއްސުމާއެކު، މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނެގުމުގެ ގަވާއިދަށް ބައެއް އިސްލާހުތައް ގެނެސްފި ކަމުގައި މީރާއިން ހާމަކޮށްފިއެވެ.
މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައި ވާގޮތުން ޓެކްސް އިންވޮއިސްއެއް ދޫކުރުމުގެ ކުރިން، އެޑްވާންސް ގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިއްޖެނަމަ، އެއިން ޖީ.އެސް.ޓީ ގެ އަދަދު ހިސާބުކުރަން ޖެހެނީ އެ ފައިސާ ލިބޭ ވަގުތު އެ ލިބޭ ޢަދަދެއްގެ ނިސްބަތުންނެވެ. ކުރިން ޢަމަލު ކުރަމުން އައިގޮތުން، އެ ފަދަ ފައިސާއިން ޖީ.އެސް.ޓީ ހިސާބުކުރަން ޖެހެނީ އެންމެ ފުރަތަމަ ފައިސާ ލިބޭ ވަގުތު، އެ ލިބޭ ޢަދަދެއްގެ ބަދަލުގައި، އޭގެ ޖުމުލަ އަދަދުންނެވެ.
ޖީ.އެސް.ޓީ ގަވާއިދުގެ 15 ވަނަ މާއްދާއަށް ގެނެސްފައިވާ އެހެން އިސްލާހުތަކުގެ ތެރޭގައި އަނބުރާ ރައްދު ނުކުރާ ޑިޕޮސިޓާއި ރިޓެންޝަން ފައިސާ އިން ޖީ.އެސް.ޓީ ގެ އަދަދު ހިސާބު ކުރުމުގައި އަމަލު ކުރަންޖެހޭގޮތް ވަނީ ބަޔާން ކޮށްފައެވެ.
މީގެ އިތުރުން، ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޕުޓް ޓެކްސް އުނި ނުކުރެވޭނެ ޝަރުތުތަކުގެ ތެރެއަށް، އެއާގުޅޭ އައުޓްޕުޓް ޓެކްސް ދައްކަންޖެހޭ ފަރާތުން ނުދައްކާ އޮތުން ވެސް ވަނީ އިތުރު ކޮށްފައެވެ. އަދި ޖީ.އެސް.ޓީ ގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރީފަންޑްކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށް ގަވާއިދުގެ 110 ވަނަ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފައެވެ.
ގުޅުންހުރި ލިޔުންތައް
· https://www.mira.gov.mv/TaxLegislation/tr-2016-g39-gazette.pdf