ސެޕްޓެންބަރު މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފި

ވޭތުވެދިޔަ ސެޕްޓެންބަރު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.11 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މި އާއެކު މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް ޖުމުލަ އާމްދަނީ އަކީ 11.39 ބިލިއަން ރުފިޔާއެވެ. މިއީ 2015 އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8.1 އިތުރު އަދަދެކެވެ.

ސެޕްޓެންބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %40.6 ނުވަތަ 449.1 މިލިއަން ރުފިޔާ އެވެ. ސެޕްޓެންބަރު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (328.38 މިލިއަން ރުފިޔާ ނުވަތަ %29.7) އިންނެވެ. މީގެ އިތުރުން، ބީ.ޕީ.ޓީ (79.3 މިލިއަން ރުފިޔާ ނުވަތަ %7.2)، ޖޫރިމަނާ ފައިސާ (65.82 މިލިއަން ރުފިޔާ ނުވަތަ %6.0)، ގްރީން ޓެކްސް (54.74 މިލިއަން ރުފިޔާ ނުވަތަ %5.0) އާއި އެހެނިހެން ޓެކުހާއި ފީ (128.44 މިލިއަން ރުފިޔާ ނުވަތަ %11.6) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، މި އަހަރުގެ ސެޕްޓެންބަރު މަހު ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %24.6 އިތުރު އަދަދެކެވެ. އަދި މިއީ ސެޕްޓެންބަރު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %0.3 އިތުރު އަދަދެކެވެ. މި މަހުގެ އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކާފައިވާ އަދަދު އިތުރުވުން ކަމުގައި މީރާއިން ހާމަކުރެއެވެ.

ސެޕްޓެންބަރު 2016 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުން ބަލައިގަތް 51.9 މިލިއަން ޑޮލަރު ހިމެނެއެވެ.

 

11-10-16