ބީ.ޕީ.ޓީގެ މާލީ ހިސާބު ހުށަހަޅަންޖެހޭ ގޮތާއި އެކި ގިންތީގެ ޓެކްސް ދައްކާ ފަރާތްތަކުން އޮޑިޓަރުން ޢައްޔަންކުރާނެގޮތާއި އަދި އޮޑިޓަރުން މިރާގައި ރަޖިސްޓްރީކުރުމުގައި ބަލާނެ މިންގަނޑުތައް މީރާއިން އާންމުކޮށްފި

ޤާނޫނު ނަންބަރ 2011/05 (ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސްދައްކާ ފަރާތްތަކުން އެފަރާތްތަކުގެ މާލީ ހިސާބުތައް ހުށަހަޅަން ޖެހޭގޮތާއި، އެކިއެކި ގިންތީގެ ޓެކްސްދައްކާ ފަރާތްތަކުން އޮޑިޓަރުން ޢައްޔަން ކުރާނެ ގޮތް އާންމުކޮށްފިއެވެ. އަދި މީގެ އިތުރުން، ޓެކްސްދައްކާ ފަރާތްތަކުން އޮޑިޓަރުން ޢައްޔަންކުރުމުގައި މީރާއިން ޤަބޫލުކުރާ އޮޑިޓަރުން ޢައްޔަންކުރުމަށް ބީ.ޕީ.ޓީ ގަވާއިދުން ލާޒިމުކުރާތީ، އޮޑިޓަރުން މީރާގައި ރަޖިސްޓަރީކުރުމުގައި ބަލާނެ މިންގަނޑުތައްވެސް ވަނީ އާންމުކޮށްފައެވެ.

              

ބީ.ޕީ.ޓީ ބަޔާނާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ލިޔެކިޔުންތައް ހުށަހަޅާއިރު އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން ހުށަހަޅާ ރިޕޯޓުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ މިނިވަން އޮޑިޓަރަކު ސޮއިކުރަންޖެހެއެވެ. މިގޮތުން ވިޔަފާރިތައް 4 ގިންތިއަކަށް ބަހާ، އޮޑިޓަރުންވެސް 4 ކެޓެގަރީއަކަށް ބަހާލެވިފައިވެއެވެ. އެކިއެކި ގިންތީގެ ޓެކްސްދައްކާ ފަރާތްތަކުން އޮޑިޓަރުން ޢައްޔަންކުރުމުގައި އޮޑިޓަރުންގެ ކެޓެގަރީތަކަށް ބަލައިގެން އޮޑިޓަރުން ޢައްޔަންކުރުމަށްވެސް ޓެކްސް ރޫލިންގގައިވެއެވެ. މިގޮތުން ޓެކްސްދައްކާ ފަރާތްތައް އެފަރާތްތަކަށް ލިބޭ އާމްދަނީއަށް ބަލައިގެން އެންމެ ކުދި ވިޔަފާރިން ފެށިގެން ބޮޑު ވިޔަފާރިތަކަށް ގިންތިކުރެވިފައިވާއިރު، އޮޑިޓަރުންގެ ކެޓެގަރީތައް ތަފާތުކުރެވިފައިވާނީ އެފަރާތްތަކުގެ ތަޖުރިބާއަށާއި ތަޢުލީމީ ފެންވަރަށް ބަލައިގެންނެވެ.

 

16 އޭޕްރީލް 2012 ވަނަދުވަހު ނެރުނު މިޓެކްސް ރޫލިންގއާއި ގުޅިގެން އޮޑިޓަރުން ރަޖިސްޓަރީކުރުމަށްވެސް މިއޮތޯރިޓީއިން މިހާރުވަނީ އިޢުލާނުކޮށްފައިއެވެ. އަދި އޮޑިޓަރެއްގެ ރިޕޯޓު މިއޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިން އެއޮޑިޓަރަކު މިއޮތޯރިޓީގައި ރަޖިސްޓަރީވެވިފައި ވާންޖެހެއެވެ. މިކަމާއި ގުޅިގެން ނެރުން ޓެކްސް ރޫލިންގ މިއޮތޯރިޓީގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

17-04-12