ރެމިޓެންސް ޓެކްސް ނަގަން ފަށައިފި

ވާރކް ވީޒާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން، މިއަދުން ފެށިގެން، ރެމިޓެންސް ޓެކްސް ނަގަން ފަށައިފި ކަމުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މި ގޮތުން ވާރކް ވީޒާ ލިބިފައިވާ ބިދޭސީންނާ ވާރކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީން، ރާއްޖޭން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބޭރަށް ފޮނުވާ ފައިސާގެ %3 އެވެ.

25 އޮގަސްޓް 2016 ގައި ތަސްދީގުކުރެވުނު ވަޒީފާއާ ބެހޭ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ވާ ގޮތުން، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ވާރކް ވީޒާ ލިބިފައިވާ ކޮންމެ ބިދޭސީ މީހެއްގެ ނަމުގައި ދިވެހިރާއްޖޭގައި ހުރި ބޭންކެއްގައި އެ ފަރާތަކަށް ވަޒީފާ ދިން ފަރާތުން، 25 ނޮވެންބަރު 2016 ގެ ކުރިން ބޭންކް އެކައުންޓެއް ހުޅުވައިދޭންޖެހޭނެ ކަމަށާ އަދި މި މުއްދަތުގެ ފަހުން ބިދޭސީންނަށް މުސާރަ ދޭންވާނީ ހަމައެކަނި ބޭންކް އެކައުންޓަށް މުސާރަ ޖަމާކޮށްގެން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ބިދޭސީންގެ ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގައި މީރާއަށް ދައްކާނީ ބޭންކް ތަކުންނާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކަމަށް ވެސް މީރާއިން ހާމަކުރެއެވެ. 

ރެމިޓެންސް ޓެކުހަކީ އަލަށް ތައާރަފު ކޮށްފައިވާ ޓެކުހަކަށް ވުމާއެކު ބިދޭސީންނާއި ވިޔަފާރިކުރާ ފަރާތްތައް މި ޓެކުހަށް އަހުލުވެރިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ރޭވިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ގޮތުން މާލެ އާއި އަތޮޅުތެރޭގެ ވަރަށް ގިނަ ފިހާރަތަކަށް ޒިޔާރަތްކޮށް ރެމިޓެންސް ޓެކުހާ ގުޅޭ މައުލޫމާތު ފޯރުވައިދެމުންދާ ކަމުގައި ވެސް މީރާއިން ހާމަކުރެއެވެ. 

01-10-16