ރީލޯޑް/ރާސްޓަސްކުރުމުގައި ދިމާވާ ވަކިލާރީގެ މައްސަލައަށް 1 އޮކްޓޫބަރުން ފެށިގެން ހައްލެއް

1 އޮކްޓޫބަރު 2016 ގެ ފަހުންކުރާ ރީލޯޑް ނުވަތަ ރާސްޓަސްގެ އަދަދު އެކައުންޓަށް ކްރެޑިޓްވާނީ ޖީ.އެސް.ޓީ އަށްވާ އަދަދު އުނިކުރުމަށްފަހު ބާކީ އަދަދުކަމުގައި މީރާއިން ހާމަކުރައްވައިފިއެވެ.

މި ބަދަލު ގެނައުމުގެ ކުރިން ރީލޯޑް އަދި ރާސްޓަސް އިން ޖީ.އެސް.ޓީ ނަގަމުން ދިޔައީ ރީލޯޑް ނުވަތަ ރާސްޓަސްކުރާ އަދަދުގެ މައްޗަށް ޖީ.އެސް.ޓީގެ އަދަދު ވަކިން ނެގިގެންނެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުން އިތުރަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދު ދެއްކުމުގެ ބަދަލުގައި ދެން އެކައުންޓަށް ކްރެޑިޓް ވާނީ އެ ފަރާތުން ދެއްކި އަދަދުން ޖީ.އެސް.ޓީގެ އަދަދު އުނިކުރުމަށްފަހު ބާކީ އަދަދެވެ.

މި ބަދަލާ ގުޅިގެން ދިރާގު އަދި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވަމުންދިޔަ ވަކިލާރީގެ މައްސަލައަށް ހައްލެއް ލިބި، ޕްރީ-ޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި މީރާއިން ހާމަކުރެއެވެ. އަދި މި ކަމާގުޅިގެން އާންމުންނާއި ވިޔަފާރިކުރައްވާ ފަރާތްތައް ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ރޭވިފައިވާކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ. 

މުވާސަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފެށީ ޖީ.އެސް.ޓީ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، 1 މޭ 2014 އިން ފެށިގެންނެވެ.

27-09-16