މީރާއިން ގެސްޓްހައުސްތަކަށް ޚާއްސަ ސެމިނަރތަކެއް ބާއްވަނީ

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން 1 އޮކްޓޫބަރު 2016 އިން ފެށިގެން ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނެގުމަށްހަމަޖެހިފައިވާތީ، މި ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ސެމިނަރތަކެއް މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. 'ގްރީން ޓެކްސް ސެމިނަރ' ގެ ނަމުގައި ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) ބިލްޑިންގގެ އަސަރީ މާލަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެމިނަރ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ދެވަނަ ސެމިނަރ އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 14:00 އިން 17:00 އަށެވެ. މި ސެމިނަރ ގައި ގްރީން ޓެކްސްއާ ގުޅޭގޮތުން ގެސްޓްހައުސްތަކަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ފޯރުވައިދެވޭނެކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

މި ސެމިނަރގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މީރާ ވެބްސައިޓު މެދުވެރިކޮށް ނުވަތަ 1415 އަށް ގުޅައިގެން ރަޖިސްޓަރީކުރެވޭނެއެވެ. އަދި މި ފަދަ އިތުރު ސެޝަންތައް ކުރިއަށް އޮތްތާނގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، އެއްވެސް ފަރާތަކުން ވަކިން މައުލޫމާތު ސެޝަނެއް ބޭނުންވާނަމަ އެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ގެސްޓްހައުސް ހިންގާ ފަރާތްތައް މި ކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިކުރާ ރަށްތަކަށް މީރާގެ ޓީމްތައް ޒިޔާރަތްކުރަމުންދާ ކަމުގައި މީރާއިން މައުލޫމާތު ދެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.

ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަންފެށި ތާރީޚަކީ 1 ނޮވެންބަރު 2015 އެވެ. އެއީ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް 6 ޑޮލަރުގެ ރޭޓުންނެވެ. ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ރޭޓުންނެވެ.

ގުޅުންހުރި ލިންކުތައް

1.      ގްރީން ޓެކްސް ސެމިނަރއަށް ރެޖިސްޓަރީކުރެވޭނެ ލިންކް

http://www.mira.gov.mv/Training.aspx                        

24-08-16