ތިކުދިންގެ ހަވީރާއެކު މީރާއިން ކުރިއަށްގެންދިޔަ "ޓެކްސް ވީކް" ނިންމާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ "ޓެކްސް ވީކް" ތިކުދިންގެ ހަވީރާ އެކު ނިންމާލައިފި އެވެ. މި ހަވީރު ކުރިއަށްދިޔައީ މިދިޔަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

 

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ފައްޓަވައިދެއްވި ކުޑަކުދިންގެ ހަވީރުގައި މީރާގެ އިތުރުން ގިނަ އަދަދެއްގެ މިނިވަން މުއައްސަސާއިން ބައިވެރިވި ކަމަށް މީރާއިން ހާމަކުރެއެވެ.  އޭގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސަސް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ޕަބްލިކް ސަރވިސް މީޑިއާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް ބްލަޑް ސަރވިސަސް، އިލެކްޝަންސް ކޮމިޝަން، މޯލްޑިވްސް ރެޑް ކްރެސެންޓް، ސިވިލް ސަރވިސް ކޮމިޝަން، އިންފޮމޭޝަން ކޮމިޝަންގެ އޮފީސް، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް އަދި ކޭ.ކޭ ވޯޓަރ ސްޕޯޓްސް ހިމެނޭކަމަށް މީރާއިން މައުލޫމާތު ދެއެވެ.

 

ތިކުދިންގެ ހަވީރުގެ އިތުރުން "އޯޕަން ޑޭ" އަދި "ބްލަޑް ޑޮނޭޝަން ކޭމްޕް" އެއްވެސް ވަނީ ފާއިތުވެދިޔަ ހަފްތާ ތެރޭގައި މީރާއިން ބާއްވާފައެވެ. ކުރީ އަހަރުތަކެކޭ އެއްފައިދައިން މި އަހަރުގެ ޓެކްސް ވީކްގެ ހަރާކާތްތަކަށްވެސް ޓެކްސް ދައްކާ ފަރާތްތަކުގެ އިތުރުން ސްކޫލްތަކާއި އާންމުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލެއްވުމަށް މީރާއިން ޝުކުރުއަދާކުރެއެވެ. އަދި ކުޑަކުދިންގެ ހަވީރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް، މީރާއިން އެ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. 

14-08-16