2016 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްފި

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2016 ވަނަ އަހަރަށް ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި 1 އޮގަސްޓު 2016 (ހޯމަ) އަށް ފަސްކޮށްފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. މި ގޮތަށް ސުންގަޑި ފަސްކުރަންޖެހުނު ސަބަބަކީ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 31 ޖުލައި 2016 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ.

 

އިންޓެރިމް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހެނީ 2015 ވަނަ އަހަރަށް ދައްކަންޖެހުނު ބީ.ޕީ.ޓީގެ ދެބައިކުޅަ އެއްބައެވެ. އިންޓެރިމް ޕޭމަންޓް ދައްކާއިރު އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ. އިންޓެރިމް ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަންނުޖެހުނު ކަމުގައިވިޔަސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހެއެވެ.

 

މީގެ އިތުރުން، 31 ޖުލައި 2016 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް، ޓެކްސް ބާޔަންތަކާއި ފައިސާ ބަލައިގަތުމަށްޓަކައި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރު ހުޅުވިފައި ހުންނާނެކަމަށް ވެސް މީރާއިން މައުލޫމާތުދެއްވައެވެ.

30-07-16