ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އިތުރުކޮށްފި

ޤާނޫނު ނަންބަރ 2011/05 (ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި 30 ޖޫން 2012 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

 

ބީ.ޕީ.ޓީ ޤާނޫނާއި ގަވާއިދުގައިވާ ގޮތުން ޓެކްސް އަހަރެއްގެ ތެރޭގައި ނިމޭ އެއްވެސް މުއްދަތަކަށް ހިސާބު ތައްޔާރުކުރުން ލާޒިމުވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅަން ޖެހެނީ އެއަހަރުގައި އެފަރާތެއްގެ ހިސާބުކުރުމުގެ މުއްދަތު ނިމޭތާ 6 މަސްފަހުން ނުވަތަ ވިދިގެން އަންނަ ޓެކްސް އަހަރުގެ 30 އޭޕްރީލް، މިދެ ތާރީޚުގެ ތެރެއިން ފަހުން އަންނަ ތާރީޚެއްގައެވެ. އަދި އަމިއްލަ ފަރުދުންގެ ތެރެއިން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އެފަރާތްތަކުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ 30 ޖޫން 2012ގެ ކުރިންނެވެ.

 

ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރުމުގެ މަޤްޞަދަކީ، މިއީ ބީ.ޕީ.ޓީ ޤާނޫނުގެ ދަށުން ޓެކްސް ބަޔާންހުށަހަޅާ ފުރަތަމަ ފަހަރު ކަމަށްވެފައި ޓެކްސް އަހަރު 2011 ގެ ބަޔާން ހުށަހަޅާ އަދި ޓެކްސް ދައްކަން ޖެހޭ އެންމެހާ ފަރާތްތަކަށް އެއް ސުންގަޑިއެއް ހެދުމެވެ. ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އިތުރު ކޮށްދީފައި ވަނީ ޤާނޫނު ނަންބަރ 2010/03 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) އަށް އިސްލާހް ގެނެވިފައިވާ ޤާނޫނު ނަންބަރ 2011/14 އިން މިއޮތޯރިޓީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންންނެވެ. ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އިތުރުކޮށް ނެރުނު ޓެކްސް ރޫލިންގ މިއޮތޯރިޓީގެ ވެބްސައިޓް ގައި ޝާޢިއު ކުރެވިފައިވާނެއެވެ.

17-04-12