ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން 2016 ވަނަ އަހަރަށް ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އަކީ 31 ޖުލައި 2016 ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. އިންޓެރިމް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހެނީ 2015 ވަނަ އަހަރަށް ދައްކަންޖެހުނު ބީ.ޕީ.ޓީގެ ދެބައިކުޅަ އެއްބައެވެ. އިންޓެރިމް ޕޭމަންޓް ދައްކާއިރު އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ.
އިންޓެރިމް ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަންނުޖެހުނު ކަމުގައިވިޔަސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހެއެވެ. އެހެންކަމުން، މިހާތަނަށް 2016 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައިފައި ނުވާ ފަރާތްތަކުން މި ސުންގަޑިއަށް ސަމާލުވެ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި ފައިސާ ދެއްކުމަށް މީރާއިން އިލްތިމާސް ކުރެއެވެ.
އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލްކުރުމުން އެހީތެރިކަން ލިބޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.