މޭ މަހު މީރާއަށް 1.14 ބިލިއަން ރުފިޔާ ބަލައިގެންފި

ވޭތުވެދިޔަ މޭ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.14 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. މިއީ 2015 ވަނަ އަހަރުގެ މޭ މަހު މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު %19.6 އިތުރު އަދަދެކެވެ. އަދި މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %50.8 އިތުރު އަދަދެކެވެ. މޭ 2016 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 32.9 މިލިއަން ޑޮލަރު ހިމެނެއެވެ.

އެޕްރީލް މަހު ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތްތަކުން މޭ މަހުގެ ފުރަތަމަ ހަފްތާގައި ފައިސާ ދެއްކުމުން ޖީ.އެސް.ޓީގެ ގޮތުގައި ދައްކައިފައިވާ އަދަދު އިތުރުވުމަކީ މޭ މަހު ބަލައިގަތް އާމްދަނީ އިތުރުވާން މެދުވެރިވި ސަބަބެކެވެ. މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ ބަލަގަނެފައިވުން ވެސް ހިމެނެއެވެ. ބޭންކް ޕްރޮފިޓް ޓެކްސް ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގައެވެ. އަދި 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ކަމަށްވާ 30 އެޕްރީލް 2016 ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން 2 މޭ 2016 އަށް ސުންގަޑި ލަސްވުމަކީ ވެސް މޭ މަހު ބަލައިގަތް އާމްދަނީ އިތުރުވާން މެދުވެރިވި މައިގަނޑު އެއް ސަބަބެކެވެ.

މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %48.3 ނުވަތަ 550.8 މިލިއަން ރުފިޔާ އެވެ. މޭ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް (312 މިލިއަން ރުފިޔާ ނުވަތަ %27.4) އިންނެވެ. މީގެ އިތުރުން، ބީ.ޕީ.ޓީ (75.1 މިލިއަން ރުފިޔާ ނުވަތަ %6.6) އާއި ގްރީން ޓެކްސް (56.3 މިލިއަން ރުފިޔާ ނުވަތަ %4.9) އަދި އެއަރޕޯޓް ސަރވިސް ޗާރޖު (42.2 މިލިއަން ރުފިޔާ ނުވަތަ %3.7) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، މި އަހަރުގެ މޭ މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %13.1 އިތުރެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 6.35 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މޭ މަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 45.1% އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 17.5% އެވެ.      

ގުޅުންހުރި ލިޔުންތައް

https://www.mira.gov.mv/reports/May2016.pdf

12-06-16