މީރާގެ ނިންމުމެއް ސިވިލް ކޯޓުގައި ތަންފީޒުކުރާ މަރުހަލާގައި މައުޟޫޢީ ގޮތުން ވާހަކައެއް ނުދެއްކޭނެ: ހައިކޯޓު

ޓެކްސްއާ ގުޅޭގޮތުން މީރާއިން ނިންމާ ނިންމުންތަކާއި، ޓެކްސްގެ މައްސަލަތަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި މީރާއިން ސިވިލް ކޯޓަށް ހުށަހަޅުމުން ސިވިލް ކޯޓުން އެ މައްސަލަ ބަލާ މަރުހަލާގައި އެ މައްސަލައިގެ މައުޟޫޢާމެދު ވާހަކަނުދެކެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ. ހައިކޯޓުން މި ގޮތަށް ކަނޑައެޅީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައެޅި ފައިސާ ހޯދުމަށް އެ ކުންފުންޏާ ދެކޮޅަށް މީރާއިން ސިވިލް ކޯޓުގައި ދައުވާ އުފުލި މައްސަލައިގެ ހުކުމްގައި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން އެ މައްސަލަ މީރާއިން ހައިކޯޓުގައި ކުރި އިސްތިއުނާފުގެ މައްސަލަ ބެއްލެވުމަށްފަހު ކުރެއްވި ހުކުމްގައެވެ.

ހައިކޯޓުގެ ހުކުމްގައިވާ ގޮތުން، ޓެކްސްއާ ގުޅޭގޮތުން މީރާއިން ނިންމާ ނިންމުންތަކާމެދު އެ ނިންމުން ރައްދުވާ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، މީރާއިން ނިންމި ނިންމުމާމެދު އިޢުތިރާޒުކުރާނަމަ އެ ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އެ ކަން އަންގަންޖެހޭނެކަމަށާއި، އެ ގޮތުން އަންގާ އެންގުމާ ގުޅިގެން މީރާއިން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ 30 ދުވަހުގެ ތެރޭގައި އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރަންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، މިއިން މަރުހަލާއަކަށް ޢަމަލުނުކޮށްފިނަމަ، މީރާގެ އެ ނިންމުމަކީ ޓެކްސް ދައްކާ ފަރާތަށް ވެސް ޤަބޫލުކުރެވޭ ނިހާއީ ނިންމުމެއް ކަމަށް ޤާނޫނީ ގޮތުން ބެލެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވެއެވެ. އަދި އެއިން މަރުހަލާއަކަށް ޢަމަލުނުކުރުމާ ގުޅިގެން މީރާއިން އެ ނިންމުން ތަންފީޒުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގައި އެ މައްސަލައިގެ މައުޟޫޢާމެދު ވާހަކަދެކެވި ގޮތްތަކެއް ކަނޑައެޅިގެން ދިއުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ރޫހާއި، މީރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާމެދު ސުވާލު އުފެދޭ، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަގުސަދާއި ބޭނުން ނެތިދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި ސިވިލް ކޯޓުގައި އިތުރު ޝަރީޢަތުގެ މަޖިލިސްތަކެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން އަދަދު ކަނޑައެޅުމާ ގުޅިގެން މީޑިއާނެޓުން ވަނީ އެ ނިންމުމާމެދު އިއުތިރާޒުކޮށްފައެވެ. އެހެންނަމަވެސް އެ އިއުތިރާޒުކުރުމާ ގުޅިގެން މީރާއިން ނިންމި ނިންމުން އެ ކުންފުނިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

·          ހުކުމްގެ ލިންކް:

https://www.m https://www.mira.gov.mv/legal_decisions/20160509_High_Court_Judgment_Bunny_Holdings(BVI).pdf

 

11-05-16