އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް 13 މާރޗް 2012 ގައި އާންމުކޮށްފައިވާ ޕޮލިސީގެ ދަށުން އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކޮށްފިއެވެ. މިޕޮލިސީގެ ދަށުން ހާމަކުރަނީ ކޮންމެ ކުއާޓަރެއް ނިމުމަށްފަހު ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެތާރީޚުގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ މަޢުލޫމާތެވެ. މިގޮތުން 12 އޭޕްރިލް 2012 ވަނަ ދުވަހު ހާމަކުރީ އޮކްޓޯބަރ 2011 އިން ޑިސެމްބަރ 2011ގެ ޓެކްސްނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެތާރީޚުގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތެވެ. އަދި މިލިސްޓް 26 އޭޕްރީލް 2012 ވަނަ ދުވަހު ގެޒެޓުގައި ޝާޢިއު ކުރެވޭނެއެވެ.

 

އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނުދައްކާ ފަރާތްތައްކަމަށް މިއޮތޯރިޓީގެ  ވެބްސައިޓް ގައި އާންމުކޮށްފައި ވަނީ 37 ފަރާތެއްގެ މަޢުލޫމާތެވެ. ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އެ މަޢުލޫމާތު ގެޒެޓު ކުރުމުގެ ކުރިން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތްތަކުގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެއެވެ. މިމަޢުލޫމާތުތައް ވެބްސައިޓްގައި އާންމު ކުރެވުނުކަމުގައި ވީނަމަވެސް ގަވާއިދުން ޖޫރިމަނާ އަރަމުންދާނެއެވެ. އަދި ގެޒެޓުގައި ޝާޢިއު ކުރުމަށްފަހު ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައްވެސް އަޅަމުންދާނެއެވެ.

 

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެފަރާތްތަކަށް އެތަކެއް ފަހަރަކު ފޯނުން ގުޅާ، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ކިޔައި ދެވިފައިވެއެވެ. މީގެ އިތުރުން އީ-މެއިލް، އެސް.އެމް.އެސް އަދި އަތޮޅު ކައުންސިލްތައް މެދުވެރިކޮށްވެސް އެފަރާތްތަކަށް އެންގުމުގެ މަސައްކަތްކުރެވުނު ނަމަވެސް އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރިއިރު އެއްގޮތަކަށްވެސް ނުގުޅޭ 04 ފަރާތެއް ވެއެވެ.

 

މާލޭ ސަރަޙައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މަޢުލޫމާތު ވެބްސައިޓްގައި 29 މާރޗް 2012ގައި ފުރަތަމަ ފަހަރަށް ހާމަކުރިއިރު ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ 4298 ފަރާތުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ 20 ފަރާތަކާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ 104 ފަރާތެއް ހިމެނެއެވެ. ނަމަވެސް މިލިސްޓް 12 އޭޕްރީލް 2012 ވަނަ ދުވަހު ގެޒެޓްގައި ޝާޢިއު ކުރިއިރު މި ޢަދަދު ވަނީ 124އިން 90 އަށް މަދުވެފައެވެ.

17-04-12