ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ، 31 މޭ 2016 ގެ ނިޔަލަށް ދައްކާ ޚަލާސްކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ. ޕްރައިވެޓް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ 2,000 ރުފިޔާއެވެ. ޕަބްލިކް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ 10,000 ރުފިޔާއެވެ.
އަހަރީ ފީ ދެއްކުމުގެ ސުންގަޑިއަކީ ކޮންމެ އަހަރެއްގެ ވެސް 31 މާރިޗެވެ. އަހަރީ ފީ އެޕްރީލް މަހު ދައްކާނަމަ 1,000 ރުފިޔާގެ ޖުރިމަނާއެއް ދައްކަންޖެހެއެވެ. އަދި މޭ މަހު ދައްކާނަމަ 2,500 ރުފިޔާގެ ޖުރިމަނާއެއް ދައްކަންޖެހެއެވެ. މޭ މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިބިގެންވެއެވެ.
31 މޭ ގެ ނިޔަލަށް ފައިސާ ނުދައްކާ ކުންފުނިތަކާމެދު ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ޢަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި، ކުންފުނި އަހަރީ ފީގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް އެ އޮތޯރިޓީއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މަސައްކަތްކުރާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.