މާދަމާއިން ފެށިގެން މުދަލު ޒަކާތް ބަލައިިގަންނާނީ މީރާއަށް

1 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނާނީ މީރާއިންނެވެ. މިހާތަނާ ޖެހެންދެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރަމުންދިޔަ ޒަކާތް ބަލައިގަތުމުގެ މަސައްކަތް އެ މިނިސްޓްރީން މީރާއާ ހަވާލުކުރީ މިދިޔަ މާރިޗު މަހު އެ ދެ އިދާރާގެ މެދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުންނެވެ.

މާލެ ނޫން ރަށްރަށުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. އަދި މީރާގެ އޮފީހެއް ގާއިމްކޮށްފައިނުވާ ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. އަދި ޒަކާތުގެ ފައިސާ ދައްކާއިރު MIRA 510 ނަންބަރު ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ. މި ފޯމު މީރާގެ ވެބްސައިޓް އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ލިބޭނެއެވެ.

މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ފިތުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިންނެވެ. 

31-05-16