ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާވާ ފަރާތްތަކުގެ ތެރެއިން ހޯދާ ނުފެނިފައިވާ ފަރާތްތަކާމެދު ޢަމަލުކުރާ އުސޫލު މީރާއިން ހާމަކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަންނަމުން ގެންދާ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި ޖޫރިމަނާފަދަ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކުގެ އެޑްރެސްކަމަށް މިއޮތޯރިޓީއަށް ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން، ނުވަތަ އެފަރާތްތަކަށް ގުޅޭނެ ފޯނު ނަންބަރުކަމަށް މިއޮތޯރިޓީއަށް ދީފައިވާ ނަންބަރުން ނުގުޅުމުގެ ސަބަބުން، އެއްވެސް ގޮތަކަށް މުޢާމަލާތް ކުރެވިފައިނުވާ ފަރާތްތަކެއް ތިބުމާއެކު، އެފަރާތްތައް ހޯދުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި އެފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ.

މި އުސޫލުގެ ދަށުން މިއޮތޯރިޓީއަށް ފައިސާ ދައްކަންޖެހި ނުދައްކާވާ ފަރާތްތަކުގެ ތެރެއިން އެފަރާތަކުން ފައިސާ ދައްކަންޖެހޭ މުއްދަތުން ފެށިގެން 2 މަސް ހަމަވާއިރުވެސް އެފަރާތަކާ އެއްވެސްގޮތަކަށް މުޢާމަލާތް ނުކުރެވޭ ފަރާތްތަކުގެ ނަމާއި އެޑްރެސް އަދި އެފަރާތުގެ ޓިން މިއޮތޯރިޓީގެ ވެބްސައިޓްގެ އިތުރުން ދިވެހިސަރުކާރުގެ ގެޒެޓްގައިވެސް ޝާއިޢު ކުރެވޭނެއެވެ. އަދި އެފަރާތްތަކުގެ ތެރެއިން، ފައިސާ ނުދައްކާއޮތް ޢަދަދު 50,000/- ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުގެ މަޢުލޫމާތު ރޭޑިޔޯ އާއި ޓީވީ މެދުވެރިކޮށް ހާމަކުރެވޭނެއެވެ. މި އުސޫލުގެ ދަށުން، މިއޮތޯރިޓީއިން ހޯދަން ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް އެފަރާތްތަކާ މުޢާމަލާތްކުރެވޭނެގޮތް ހަދަން ބޭނުންވާ ފަރާތްތަކަށް 18 މެއި 2012 ގެ ނިޔަލަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މިއުސޫލު މިހާރު ވަނީ މިއޮތޯރިޓީގެ ވެބްސައިޓްގައި ޝާޢިއުކޮށްފައެވެ. އަދި 19 އެޕްރީލް 2012 ވާ ބުރާސްފަތި ދުވަހު، ދިވެހިސަރުކާރުގެ ގެޒެޓްގައިވެސް މިއުސޫލު ޝާއިޢު ކުރެވޭނެއެވެ.

18-04-12