ބައިނަލްއަޤްވާމީ ޓެކުހުގެ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުންނާއި ޓެކުހުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ "ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޮރ ޓެކްސް ޕަރޕަސަސް" ގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ. ދިވެހިރާއްޖެއަކީ ގްލޯބަލް ފޯރަމްގައި ބައިވެރިވި 132 ވަނަ ގައުމެވެ.
ގްލޯބަލް ފޯރަމްއަކީ އެ ފޯރަމްގެ ބައިވެރިންގެ މެދުގައި ދެފުށްފެންނަ ނިޒާމެއްގެ ދަށުން ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމަށްޓަކައި އެކުލަވާލައިފައިވާ ފޯރަމްއެކެވެ. ގްލޯބަލް ފޯރަމްގެ މައިގަނޑު މައްސޫލިއްޔަތަކީ މެންބަރު ގައުމުތަކުގައި "އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ޓެކްސް އިންފޮމޭޝަން" ގެ ސްޓޭންޑަޑްތައް އެންމެ ފުރިހަމައަށް ގާއިމްކުރުމަށްޓަކައި އެ ގައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ގްލޯބަލް ފޯރަމްއިން ދިވެހިރާއްޖޭގައި މިހާރު ތަންފީޒުކޮށްފައިވާ ޤާނޫނުތައް މުރާޖަޢާކޮށް، އޮޓޮމެޓިކް އިންފޮމޭޝަން އެކްސްޗޭންޖްގެ ސްޓޭންޑަޑްތަކަށް މަގުފަހިކުރުމަށްޓަކައި އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ލަފާދޭނެއެވެ.
ގްލޯބަލް ފޯރަމްގެ މެންބަރަކަށް ވުމާ ގުޅިގެން، ޓެކުހުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަންވެސް ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ.