މީރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ ޓެކުހާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ބޭރު ގައުމުތަކާއެކު މައުލޫމާތު ހިއްސާކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ޤާނޫނުން ލިބިދޭ ބައެއް ބާރުތައް މީރާއާ ހަވާލުކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. އޭގެ މަގުސަދަކީ ޓެކުހާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި މީރާއާއި އެހެނިހެން ގައުމުތަކުގެ ޓެކްސް އިދާރާތަކާ ދެމެދު މައުލޫމާތު ބަދަލުކުރުމުގެ މަރުހަލާ އަވަސްކޮށް ހަރުދަނާކުރުން ކަމުގައި އެ އޮތޯރިޓީއިން މައުލޫމާތު ދެއްވައެވެ.

އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ މީރާގައި މިއަދު ހެނދުނު 10:30 ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ ދުނިޔޭގައި ޓެކުހަށް މަކަރު ހަދަމުންދާ ފަރާތްތައް މަދުކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމާއި، އެހެން ގައުމުތަކުގެ މުއައްސަސާތަކާއި ބޭންކްތަކާއި ޓެކްސް އޮތޯރިޓީތަކާއެކު މައުލޫމާތު ބަދަލުކުރުމަކީ މުހިއްމު ކަމެއްކަމެވެ. އެ ގޮތުން މީރާއާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި ދެމެދު އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާވެގެންދާނެކަމާއި މި އެމް.އޯ.ޔޫގެ ދަށުން ޓެކުހާބެހޭ ޖިނާއީ ކުށްތަކާބެހޭ މައުލޫމާތު އެހެނިހެން ގައުމުތަކާއެކު ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް ވަނީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކަށް އަލިއަޅުވާލާފައެވެ. އަދި ޓެކުހާ ގުޅޭ ޖިނާއީ މައްސަލަތަކާ ގުޅުންހުރި މައުލޫމާތުތައް ހޯދާއި ލިބިގަތުމުގައި މި އެމް.އޯ.ޔޫގެ ދަށުން ލުއިފަސޭހަވެގެންދާނެ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ދާދި ފަހުން ވަނީ އިންޑިއާއާއެކު ޓެކުހާ ގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ޓެކުހާ ގުޅޭ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގައި ދެ ޤައުމުގެ ޓެކްސް އިދާރާގެ ދެމެދުގައި މައުލޫމާތު ހިއްސާކުރެވޭނެއެވެ. މީރާއިން މައުލޫމާތު ދެއްވާ ގޮތުގައި އިތުރު 3 ޤައުމަކާއެކު މި ފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމާގުޅޭ މަޝްވަރާ މިހާރު ދަނީ ކުރެވެމުންނެވެ.

24-04-16