މި އަހަރުގެ މާރިޗުގެ ނިޔަލަށް ލިބުނު އާމްދަނީ %16.1 އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2016 ވަނަ އަހަރުގެ މާރިޗުގެ ނިޔަލަށް ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %16.1 އިތުރުވެއްޖެއެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 4.32 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބިފައިވަނީ 3.72 ބިލިއަން ރުފިޔާއެވެ. މާރިޗު މަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 39.5% އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 22.3% އެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، މާރިޗު މަހު މީރާއަށް ބަލައިގަނެފައި ވަނީ 1.10 ބިލިއަން ރުފިޔާއެވެ. މިއީ 2015 ވަނަ އަހަރުގެ މާރިޗު މަހު މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު %13.7 ދަށް އަދަދެކެވެ. އަދި މާރިޗު މަހު  ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %8.2 ދަށް އަދަދެކެވެ. މާރިޗު 2016 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 52.51 މިލިއަން ޑޮލަރު ހިމެނެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި އަދަދާ އަޅާބަލާއިރު %1.9 ދަށްވުމަކީ މާރިޗު މަހު ބަލައިގަތް އާމްދަނީ ދަށްވާން މެދުވެރިވި މައިގަނޑު އެއް ސަބަބެކެވެ.

މާރިޗު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %51.2 ނުވަތަ 562 މިލިއަން ރުފިޔާ އެވެ. މާރިޗު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (277.5 މިލިއަން ނުވަތަ %25.3) އިންނެވެ. މީގެ އިތުރުން، ގްރީން ޓެކްސް (66.09 މިލިއަން ރުފިޔާ ނުވަތަ %6) އާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (64.08 މިލިއަން ރުފިޔާ ނުވަތަ %5.8) އަދި އެއަރޕޯޓް ސަރވިސް ޗާރޖް (43.6 މިލިއަން ރުފިޔާ ނުވަތަ %4.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

https://www.mira.gov.mv/reports/Mar2016.pdf

 

 

13-04-16