މީރާގެ އޭދަފުށި ބްރާންޗް ހުޅުވައިފިި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބްރާންޗެއް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި މިއަދު ހުޅުވައިފިއެވެ. މީރާ އޭދަފުށި ބްރާންޗް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު 16:00 ގައި އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ އިތުރުން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް މަބްރޫކް ނަސީރު އެވެ.

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގައި ގާއިމްކުރެވިފައިވާ މި އޮފީހުން، މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެއެވެ. މިގޮތުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓަރީކުރުމާއި، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ޓެކުހުގެ ފައިސާ އަދި ދައުލަތަށް ދައްކަންޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނެއެވެ. މީގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުވައިދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.

މީރާގެ އޭދަފުށި ބްރާންޗްގެ އިތުރުން މީރާގެ ބްރާންޗްތައް އައްޑޫގައާއި ހދ. ކުޅުދުއްފުށީގައި އަދި ލ. ފޮނަދޫގައި ވަނީ ގާއިމްކޮށްފައެވެ. އަދި މީރާގެ ކަލެކްޝަން ސެންޓަރުތައް ޏ. ފުވައްމުލަކު އަދި ފ. ނިލަންދޫ ގައި ވަނީ ގާއިމްކުރެވިފައެވެ.

 

31-03-16