މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މީރާ އާ ހަވާލުކޮށްފި

1 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމުގައި ކަނޑައަޅައި، އެ ކަމާ ގުޅޭ އެމް.އޯ.ޔޫ ގައި މީރާ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ ގައި ވާ ގޮތުން މުދަލު ޒަކާތަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މީގެ ފަހުން ކުރިއަށް ގެންދާނީ މީރާއިންނެވެ.

އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު 10:00 ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރެވެ.

އެމް.އޯ.ޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވީ ވިޔަފާރިވެރިންނާއި ޒަކާތް ދައްކަންޖެހޭ އެހެނިހެން ފަރާތްތައް މުދަލު ޒަކާތަށް އަހުލުވެރިކުރުވުމަށް ހާއްސަ ޕްރޮގްރާމްތަކެއް މީރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި ހަރުދަނާ ޒަކާތުގެ ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި މިނިސްޓްރީ އަށް ފުރިހަމަ އެއްބާރުލުން މީރާއިން ދޭނެކަމުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވިދާޅުވީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައިވިޔަސް މުދަލު ޒަކާތް މިހާރު ދައްކަނީ ނިސްބަތުން ވަރަށް މަދު ބަޔަކު ކަމަށްވާތީ، ޓެކްސް ނެގުމުގައި މީރާއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ޒަކާތް ބަލައިގަންނަ މިންވަރާއި ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެކަމަށް ޔަގީންކުރައްވާކަމުގައެވެ.

މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސި ކަމުގައިވިޔަސް ފިތުރު ޒަކާތް ކުރިއަށް އޮތް ތަނުގައި ވެސް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް: https://www.facebook.com/media/set/?set=a.1083570418366554.1073741862.142192245837714&type=3

27-03-16