މީރާގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފިއެވެ. މީރާގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށް ހުރިހާ ފަރާތްތަކަށް ވެސް ހަދިޔާއެއް އަރުވާފައިވެއެވެ. މިއަދު ހަވީރު 16:00 ގައި ބޭއްވި މި ހަރަކާތުގައި މީރާގެ ހުރިހާ މުވައްޒަފުންނާއި އައި.ޖީ.އެމް.އެޗްގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އަދި އައި.ޖީ.އެމް.އެޗްގެ ޑެޕިއުޓީ ސީ.އީ.އޯ މުހައްމަދު ރިޝްވާން އެވެ.

މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވެފައިވަނީ މި ހަރަކާތް ހިންގުމުގެ މަގްސަދަކީ މުޖްތަމައުގައި ނެތެމުންދާ ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ އާދާ އަލުން ދިރުވާ އާލާކުރުމެވެ. އަދި މީރާއިން މިފަދަ ހަރަކާތްތައް ހިންގުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމާއި މީރާގެ ފަރާތުން ކުރިއަށް އޮތްތަނުގައި ވެސް މުޖްތަމައުއަށް އެހީތެރިވުމަށް މިފަދަ އެކިއެކި ހަރަކާތްތައް ހިންގާނެކަމަށެވެ. އަދި މި ހަރަކާތް ހިންގުމަށް އައި.ޖީ.އެމް.އެޗްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އައި.ޖީ.އެމް.އެޗްގެ ޑެޕިއުޓީ ސީ.އީ.އޯ މުހައްމަދު ރިޝްވާން ވިދާޅުވެފައިވަނީ މީރާގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް މިފަދަ ހަރަކާތެއް އިސްނަގައިގެން ރާވާ ކުރިއަށްގެންދިޔަ ކަމަށްޓަކައި އުފާކުރާކަމަށެވެ. 

 

26-03-16