މާރިޗު މަހުގެ ނިޔަލަށް 2016 ގެ ކުންފުނި އަހަރީ ފީ ދައްކަންޖެހޭ

ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ ސުންގަޑި ކައިރިވަމުން އަންނާތީ ހުރިހާ ކުންފުނިތަކުން އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ. 2016 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ ދެއްކުމުގެ ސުންގަޑިއަކީ 31 މާރިޗު 2016 އެވެ. ޕްރައިވެޓް ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ އަކީ 2,000ރ. އެވެ. އަދި ޕަބްލިކް ކުންފުނިތަކުން ދައްކަންޖެހޭ އަހަރީ ފީ އަކީ 10,000ރ. އެވެ.

ސުންގަޑިއަށް އަހަރީ ފީ ނުދައްކާ ކުންފުނިތައް 30 އެޕްރީލް 2016 ގެ ކުރިން މި ފައިސާ ދައްކާނަމަ 1000ރ. އިން އަދި 30 އެޕްރީލް 2016 ގެ ފަހުން ދައްކާނަމަ 2500ރ. އިން ޖޫރިމަނާ ވާނެއެވެ. ނަމަވެސް 31 މާރިޗު 2016 ގެ ކުރިން އުވާލުމަށް ހުށަހަޅައިފައިވާ ކުންފުނިތަކުން މި އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއްނުވެއެވެ. މިއާ ޚިލާފަށް، ކުންފުނި އުވާލަން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅައިފައިވަނީ މި އަހަރުގެ 31 މާރިޗުގެ ފަހުން ކަމުގައިވާނަމަ މި އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭނެއެވެ.

ވީމާ، 2016 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ މިހާތަނަށް ދައްކައިފައިނުވާ ކުންފުނިތަކުން 31 މާރިޗު 2016 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.

22-03-16