ބީ.ޕީ.ޓީގެ ބޭނުމަށް މީރާ އިން ޤަބޫލުކުރާ ޗެރިޓަބަލް އޮގަނައިޒޭޝަންތައް ކަނޑައަޅައިފި

ޤާނޫނު ނަންބަރ 2011/05 (ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނު) ގެ ބޭނުމަށް "ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާ" ތަކުގެ އިތުރު ތަފްޞީލް ދިނުމުގެ ގޮތުންނާއި މިފަދަ ތަންތަނަށް ހަދިޔާގެ ގޮތުގައި ދެވޭ ޢަދަދު ޓެކްސް ބިނާ ކުރެވޭ ފައިދާ ހިސާބު ކުރުމުގައި އުނިކުރެވޭނެ ގޮތް އޮޅުން ފިލުވައިދިނުމަށާއި އަދި ޓެކްސް ދެއްކުމުން މިފަދަ ތަންތަން އިސްތިސްނާ ވުމަށް މީރާއިން ހުއްދަ ހޯދުމަށްޓަކައި ޢަމަލުކުރާނެ ގޮތް އޮޅުންފިލުވައިދިނުމުގެ ގޮތުން ޓެކްސް ރޫލިންގއެއް ވަނީ ނެރެފައެވެ.

 

މީރާއިން ނެރުނު ރޫލިންގގައިވާ ގޮތުން "ޖަމާޢަތް" އަދި "ޖަމްޢިއްޔާ" ކަމަށް ބަލާނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާފައިވާ ތަންތަނެވެ. އަދި "ޢާންމު އިދާރާ" ކަމަށް ބަލާނީ ޢާންމުންނަށް ޚިދުމަތެއް ފޯރުވައިދިނުމަށް އުފައްދާފައިވާ އިދާރާތަކާއި އެއިދާރާއެއްގެ ޚަރަދުތައް އެއްކޮށް ނުވަތަ މައިގަނޑު ގޮތެއްގައި ދައުލަތުގެ ބަޖެޓުން ކުރާ އިދާރާތަކެވެ. މީގެ އިތުރުން "ޢާންމު މަންފާއެއް ކުރިއެރުވުމުގެ މަޤްޞަދު" މާނަ ކުރާނެ ގޮތްވެސް މި ރޫލިންގ ގައި ތަފްޞީލްކޮށްފައިވެއެވެ.

 

މީރާއިން ހުއްދަ ހޯދަން ބޭނުންވާ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާތަކުން "ޗެރިޓަބްލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން" (MIRA 103) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅާފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަޖެހޭނެއެވެ. މިރޫލިންގ ނެރުމުގެ ކުރިން މީރާއިން ހުއްދަ ހޯދާފައިވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުން، އަލުން ރަޖިސްޓަރީކުރަން ނުޖެހޭނެއެވެ.

 

މިހާތަނަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުގެ ލިސްޓު މިއޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. 03 މެއި 2012 ވަނަ ދުވަހު ނެރުނު ރޫލިންގ ވެސް މިއޮތޯރިޓީގެ ވެބްސައިޓް ގައި ޝާޢިއު ކުރެވިފައިވާނެއެވެ.

03-05-12