މީރާގައި ރަޖިސްޓަރީވި އޮޑިޓަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްފި

ޤާނޫނު ނަންބަރ 2011/05 (ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސްދައްކާ ފަރާތްތަކުން ބީ.ޕީ.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާއިރު އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން ހުށަހަޅާ ރިޕޯޓުގައި ސޮއިކުރާ އޮޑިޓަރުން މީރާގައި ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން މީރާގައި  މިހާތަނަށް ރަޖިސްޓަރީވެފައިވާ އޮޑިޓަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު 07 މެއި 2012 ވީ އަންގާރަދުވަހު 15:00 މީރާގައި ބާއްވައިފިއެވެ.

 

16 އޭޕްރިލް 2012 ގައި ނެރުނު ޓެކްސް ރޫލިންގގެ ދަށުން މީރާގައި އޮޑިޓަރުން ރަޖިސްޓަރީކުރުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދޭ ފަރާތްތަކުން އޮޑިޓަރ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު މީރާއަށް ހުށަހެޅުމުން އޮޑިޓަރުން ރަޖިސްޓަރީކުރުމުގެ ކަންތައް މީރާއިން ކުރިއަށްގެންދާނެއެވެ.

 

މި ޓެކްސް ރޫލިންގގެ ދަށުން ވިޔަފާރިކުރާ ހުރިހާ ކުންފުނިތަކުންވެސް އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ ކަމަށާއި އަހަރެއްގެ މައްޗަށް ޖުމްލަ އާމްދަނީގެ ގޮތުގައި 10 މިލިއަން އަށްވުރެ މަދުން ލިބޭ ކުންފުނިތަކުގެ ހިސާބު އޮޑިޓްކުރުމަށް މީރާގައި ރަޖިސްޓަރީވުމަށް، މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް ނުވަތަ އެފިލިއޭޓް މެމްބަރެއް ނުވަތަ އެކައުންޓެންސީ ނުވަތަ އޮޑިޓިންގ ދާއިރާއިން އަންޑަގްރެޖުއޭޓް ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވާ އަދި އޮޑިޓް ނުވަތަ އެޝޫރަންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާފަރާތަކަށް ހުށަހެޅިދާނެއެވެ.

 

ވިޔަފާރިތަކުން ޓެކްސްބަޔާން ހުށަހަޅަންޖެހޭ ތާރީޚަކީ 30 ޖޫން 2012 އެވެ. ބީޕީ.ޓީ ބަޔާނާއިއެކު ހުށަހަޅަން ޖެހޭ މާލީ ހިސާބުތަކާއި އަދި އޮޑިޓަރުން އައްޔަންކުރުމާބެހޭ ގޮތުން މީރާއިން ނެރުނު ޓެކްސް ރޫލިންގ މިއޮތޯރިޓީގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

09-05-12