މި އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ލިބުނު އާމްދަނީ %31.4 އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2016 ވަނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ބަލައިގަތް އާމްދަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %31.4 އިތުރުވެއްޖެއެވެ. މި އަހަރުގެ ފުރަތަމަ ދެ މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ލިބިފައިވެއެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، ފެބުރުވަރީ މަހު މީރާއަށް ބަލައިގަނެފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު %66.1 ގެ ކުރިއެރުމެކެވެ. އަދި ފެބުރުވަރީ މަހަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.6 އިތުރުވުމެކެވެ. ފެބުރުވަރީ 2016 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 79.8 މިލިއަން ޑޮލަރު ހިމެނެއެވެ.

ފެބުރުވަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވާތީ އެވެ. އެއީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %11.7 އިތުރުވުމާއި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ނުލިބޭ ގްރީން ޓެކްސް މި މަހު ލިބިފައިވުމެވެ.

ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %34.7 ނުވަތަ 522.4 މިލިއަން ރުފިޔާ އެވެ. ފެބުރުވަރީ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ (471.2 މިލިއަން ނުވަތަ %31.3) އިންނެވެ. މީގެ އިތުރުން، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ (277.5 މިލިއަން ރުފިޔާ ނުވަތަ %18.4) އާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (77.4 މިލިއަން ރުފިޔާ ނުވަތަ %5.1) އަދި ގްރީން ޓެކްސް (46.6 މިލިއަން ރުފިޔާ ނުވަތަ %3.1) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

 

ގުޅުންހުރި ލިޔުންތައް

https://www.mira.gov.mv/reports/Feb2016.pdf

10-03-16