މީރާއިން ކުރިއަށްގެންދާ އޮޑިޓްތަކުން މިއަހަރުގެ ފުރަތަމަ ކުއަރޓަރ ނިމުނު އިރު 17 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދިއްޖެ

މީރާއަށް ޓެކްސް ދައްކަވަން ޖެހޭ ފަރާތްތަކުން ޓެކްސްގެ ގޮތުގައި ދައްކާ ޢަދަދު ރަގަޅުތޯ ޗެކްކުރުމަށް މީރާއިން ކުރިއަށް ގެންދާ އޮޑިޓް ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް ޖީ.އެސް.ޓީ ގެ 59 އޮޑިޓްކޮށްފިއެވެ. މިއޮޑިޓް ތަކުން އެކި ފަރާތަތަކުން ޓެކްސް ގެ ގޮތުގައި 9 ލައްކައަށްވުރެ ގިނަ ޔޫ.އެސް ޑޮލަރު އަދި 6 ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ލިބެންޖެހޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނެގޭ ވިތްހޯލްޑިންގ ޓެކްސް ގެ 156 އޮޑިޓަކުން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

 

އެކި ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 21 މިލިއަން ރުފިޔާ 2012 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަގެ ނިޔަލަށް ހޯދާފައިވެއެވެ. މީރާއަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ފައިސާ ނުދައްކައިގެން ދަޢުވާކުރަން 9 މައްސަލައެއް 2012 ވަނަ އަހަރުގެ މާރޗްގެ ނިއަލަށް ކޯޓަށް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 3 މައްސަލަ ނިމި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު އިތުރު 3 މައްސަލައެއް ކޯޓުން ބޭރުގައި ނިންމާފައިވެއެވެ.

 

ޓެކްސް ދައްކާ ފަރާތްތައް ޓެކުހަށް ހޭލުންތެރިކުރުވުމަށް މީރާއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ބީ.ޕީ.ޓީ ބަޔާން ފުރާނެގޮތާއި ބީ.ޕީ.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް މިއޮތޯރިޓީއިން ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ބީ.ޕީ.ޓީ ބަޔާނާއެކު ލިޔެކިޔުންތައް ހުށަހަޅާއިރު އޮޑިޓަރުންގެ ރިޕޯޓު ހުށަހަޅަންޖެހޭ ފަރާތްތަކުން ހުށަހަޅާ ރިޕޯޓުގައި މިއޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ މިނިވަން އޮޑިޓަރަކު ސޮއިކުރަންޖެހޭތީވެ، އޮޑިޓަރުން ރަޖިސްޓަރީކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން މިހާރުގެންދަނީ ކުރަމުންނެވެ.

10-05-12