މީރާގެ ފޮނަދޫ ބްރާންޗް ހުޅުވައިފިި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބްރާންޗެއް ހައްދުންމަތީ ފޮނަދޫގައި މިއަދު ހުޅުވައިފިއެވެ. މީރާ ފޮނަދޫ ބްރާންޗް ހުޅުވުމުގެ ގޮތުން މިއަދު މެންދުރުފަހު 1:30 ގައި ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ އިތުރުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރެވެ.

ފޮނަދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ އާބާދީއާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަންދީގެން މީރާގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ގާއިމްކުރެވިފައިވާ މި އޮފީހުން، މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތައް ވެސް ލިބިގެންދާނެއެވެ. މިގޮތުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓަރީކުރުމާއި، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ޓެކުހުގެ ފައިސާ އަދި ދައުލަތަށް ދައްކަންޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނެއެވެ. މީގެ އިތުރުން ޓެކުހާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުވައިދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.

ފޮނަދޫ ބްރާންޗާއެކު މާލެއިން ބޭރުގައި ހުޅުވުނު މީރާގެ އޮފީހުގެ އަދަދު 6 އަށް އެރީއެވެ. މީރާގެ ބްރާންޗްތައް އައްޑޫގައާއި ހދ. ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާއިރު، މީރާގެ ކަލެކްޝަން ސެންޓަރުތައް ޏ. ފުވައްމުލަކު، ބ. އޭދަފުށި އަދި ފ. ނިލަންދޫ ގައި ވަނީ ގާއިމްކުރެވިފައެވެ.

16-03-16