ޖަނަވަރީ މަހު މީރާއަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 11.0% ގެ ކުރިއެރުމެކެވެ.

ޖަނަވަރީ 2016 ގައި މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ 1 ނޮވެންބަރު 2015 އިން ފެށިގެން ގްރީން ޓެކްސް ނަގަން ފެށުމާއި، ބީ.ޕީ.ޓީ އާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވުމެވެ.

ޖަނަވަރީ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 822.08 މިލިއަން ރުފިޔާ ނުވަތަ 48.0% އެވެ. ޖަނަވަރީ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީ.އެސް.ޓީ (619.93 މިލިއަން ރުފިޔާ ނުވަތަ 36.2%) އިންނެވެ. މީގެ އިތުރުން، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ (87.68 މިލިއަން ރުފިޔާ ނުވަތަ 5.1%) އާއި އެއަރޕޯރޓް ސަރވިސް ޗާޖު (47.32 މިލިއަން ރުފިޔާ ނުވަތަ 2.8%) އަދި ގްރީން ޓެކްސް (44.02 މިލިއަން ރުފިޔާ ނުވަތަ 2.6%) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

ޖަނަވަރީ 2016 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 55.1 މިލިއަން ޑޮލަރު ހިމެނެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

·         ޖަނަވަރީ 2016 ގެ ރެވެނިއު ކަލެކްޝަން ރިޕޯޓް:

https://www.mira.gov.mv/reports/Jan2016.pdf

·         ޖަނަވަރީ 2015 ގެ ރެވެނިއު ކަލެކްޝަން ރިޕޯޓް:

https://www.mira.gov.mv/reports/Jan15_150715.pdf

14-02-16