މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އައްޑޫ ބްރާންޗް އަދި ފުވައްމުލައް ކަލެކްޝަން ސެންޓަރ މިއަދު ހުޅވައިފިއެވެ. އައްޑޫ ބްރާންޗް ހުޅުވުމުގެ ގޮތުން މިއަދު ހެދުނު 10:00 ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އޮފީސް ހުޅުވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދުގެ އިތުރުން އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގެވެ. އަދި ފުވައްމުލައް ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު 4:00 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަބްދުﷲ ޖިހާދުގެ އިތުރުން ފުވައްމުލައް އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާޙް ޝަރީފެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ހުޅުވުނު މި އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މިގޮތުން ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީކުރުމާއި، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ޓެކްސްގެ ފައިސާ އަދި ދަޢުލަތަށް ދައްކަންޖެހޭ އިތުރު ޓެކްސްތަކާއި ފީތައް ބަލައިގަތުން ހިމެނެއެވެ. މީގެ އިތުރުން ޓެކްސްއާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުވައިދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. އަދި ފުވައްމުލަކުގައި ހުންނަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހުގައި (ކުރީގެ އަތޮޅުގޭގެ އިމާރާތުގައި) ޤާއިމު ކުރެވުނު ކަލެކްޝަން ސެންޓަރުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.
އައްޑޫ ބްރާންޗް އަދި ފުވައްމުލަކު ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށާއި، މިއަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައިވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް އެ އޮތޯރިޓީއިން މަޢުލޫމާތު ދެއްވައެވެ.