"ކޮބާ ރަސީދު" ކެމްޕޭންގެ ބޮޑު އިނާމު ހަވާލުކޮށްފި

ވިޔަފާރި މުއާމަލާތްތަކާ ގުޅޭ ރަސީދުކޮޅު ދިނުމާއި ހޯދުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން "ކޮބާ ރަސީދު؟" ގެ ނަމުގައި މީރާއިން ހިންގި ކެމްޕޭންގައި އެންމެ ގިނަ ވިޔަފާރިތަކުން އެންމެ ގިނަ ރަސީދު ހުށަހެޅި ހއ. ދިއްދޫ، ޓޯކިޔޯ ވިލާ ހުސައިން ރަޝީދަށް 20,000 (ވިހި ހާސް) ރުފިޔާގެ އިނާމު މީރާއިން ހަވާލުކޮށްފިއެވެ.

މި ކަމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ފައިސާގެ އިނާމް ހަވާލުކޮށްދެއްވައިފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުހައްމަދެވެ. ބޮޑު އިނާމަށް ހުސައިން ރަޝީދާ އެންމެ ގާތުން ވާދަކުރި 4 ފަރާތް ވެސް މި ހަފްލާގައި ބައިވެރިވެފައިވެއެވެ.

1 އޮގަސްޓުން 31 ޑިސެންބަރުގެ ނިޔަލަށް ހިންގި މި ކެމްޕޭންގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް މީރާއިން ހާމަކުރެއެވެ. މި ގޮތުން މި ކެމްޕޭނުގައި 1,797 ފަރާތަކުން ޖުމްލަ 328,104 ރަސީދު ފޮނުވައިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން 95.61% ލިބިފައިވަނީ މާލެ ސަރަޙައްދުންނެވެ. ރަސީދުތައް ލިބިފައި ވަނީ ތަފާތު 3,982 ވިޔަފާރިއަކުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވެފައިވަނީ މި ކެމްޕޭންގެ ނަތީޖާއަށް ބަލާއިރު ކެމްޕޭންގެ މަގުސަދު ވަރަށް ބޮޑަށް ހާސިލްކުރެވިފައިވާކަމެވެ. އަދި މިފަދަ ކެމްޕޭނެއް ހިންގުމުގެ މަގުސަދަކީ ސައްޙަ އަދި ސައްޙަނޫން ރަސީދު ހުށަހަޅާ ފަރާތްތަކުން ހޯދުން ނޫން ކަމަށާއި، މިއީ ވިޔަފާރީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ހިންގި ކެމްޕޭންއެއް ކަމަށް ވިދާޅުވެފައިވެއެވެ. މި ކެމްޕޭންއަށް ބޮޑު ތަރުހީބެއް ލިބިފައިވުމާއެކު، މި ކެމްޕޭންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި ފަދަ އިތުރު ކެމްޕޭނެއް ކުރިއަށްގެންދާނެ ކަން ހާމަކުރެއްވިއެވެ.

 

އިތުރު މައުލޫމާތު

1.         "ކޮބާ ރަސީދު" ކެމްޕެއިން ނިމުމާއެކު ބޭއްވުނު ހަފްލާގެ ފޮޓޯތައް:

https://www.facebook.com/maldivesinlandrevenueauthority/posts/1042339639156299

21-01-16