2015 ގައި މީރާއަށް ބަލައިގަތް އާމްދަނީ 2014 އާ އަޅައިބަލާއިރު 13.2% އިތުރުވެއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2015 ވަނަ އަހަރު ބަލައިގަތް ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 13.2% އިތުރުވެއްޖެއެވެ. މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، 2015 ވަނަ އަހަރު މީރާއަށް ބަލައިގަނެފައި ވަނީ 13.0 ބިލިއަން ރުފިޔާއެވެ. އަދި 2014 ވަނަ މީރާއަށް ބަލައިގަނެފައި ވަނީ 11.5 ބިލިއަން ރުފިޔާއެވެ.

2015 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 46.2% ނުވަތަ 6.0 ބިލިއަން ރުފިޔާއެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 20.5% ނުވަތަ 2.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި ދިޔަ 2015 ވަނަ އަހަރު ބަލައިގަތް ޖުމްލަ އާމްދަނީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ އެވެ.

ޑިސެންބަރު 2015 ގައި މީރާއަށް ބަލައިގަތް އާމްދަނީއަކީ 976.0 މިލިއަން ރުފިޔާއެވެ. މިއީ ޑިސެންބަރު 2014 ގައި ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 2.4% ގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ޑިސެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވުނު އަދަދަށް ފަތުރުވެރިން ނައުމާ ގުޅިގެން ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު 19.3% ދަށްވުމާއި، އެއާރޕޯޓު ސަރވިސް ޗާޖު ގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު 17.4% އަށް ދަށްވުމެވެ. އަދި މިއީ 2015 ވަނަ އަހަރުގެ ޑިސެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 9.7% ދަށް އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ ޑިސެންބަރު މަހު ބަލައިގަތް އާމްދަނީ ދަށްވެފައިވަނީ ނޮވެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވުނު އަދަދަށްވުރެ 14.5% މަދުން ފަތުރުވެރިން އައުމުގެ ސަބަބުންނެވެ.

ޑިސެންބަރު މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 471.0 މިލިއަން ރުފިޔާ ނުވަތަ 48.3% އެވެ. ޑިސެންބަރު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓުއަރިޒަމް ލޭންޑް ރެންޓް (264.8 މިލިއަން ރުފިޔާ ނުވަތަ 27.1%) އެވެ. މީގެ އިތުރުން، ބީ.ޕީ.ޓީ (71.7 މިލިއަން ރުފިޔާ ނުވަތަ 7.4%) އާއި ގްރީން ޓެކްސް (46.8 މިލިއަން ރުފިޔާ ނުވަތަ 4.8%) އަދި އެއާރޕޯރޓް ސަރވިސް ޗާޖު (43.3 މިލިއަން ރުފިޔާ ނުވަތަ 4.4%) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

ޑިސެންބަރު 2015 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 45.3 މިލިއަން ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިންކުތައް

1.       ޑިސެންބަރު 2015 ގެ ރެވެނިއު ކަލެކްޝަން ރިޕޯޓް:

https://www.mira.gov.mv/reports/Dec15.pdf

2.       ޑިސެންބަރު 2014 ގެ ރެވެނިއު ކަލެކްޝަން ރިޕޯޓް:

https://www.mira.gov.mv/reports/Dec%2014_150517.pdf

 

11-01-16