ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް މީރާގެ ޓީމްތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަނީ

ކުދި ވިޔަފާރިތަކުގެ 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މީރާގެ ޓީމްތައް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކުރައްވައިފިއެވެ.

މީރާގެ (IUL)220-CSS/1/2016/1 ނަންބަރު އިއުލާނުގައިވާގޮތުން މި ދަތުރުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށެވެ.މި ދަތުރުތަކުގައި މީރާގެ ޓީމްތައް ހަރަކާތްތެރިވާނީ އައްޑޫ ސިޓީގެ އިތުރުން ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް މީރާއިން އެދިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުގެ ހިސާބުކުރާ މުއްދަތު 31 ޑިސެންބަރު 2015 އަށް ނިމޭ ފަރާތްތަކުގެ 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2016 އެވެ.

07-01-16