ކުޑަކުދިންގެ ހިޔާގެ 'ސޯލްޓް' ޕްރޮގްރާމް މީރާގެ މުވައްޒަފުން ސްޕޮންސަރކޮށްފި

ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ހުނަރު ތަރައްގީކުރުމުގެ ގޮތުން ކުރިއަށްގެންދާ "ސޯލްޓް" ޕްރޮގްރާމް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން، 3 މަސްދުވަހަށް ސްޕޮންސަރކޮށްފިއެވެ. މި ސްޕޮންސަރޝިޕަކީ މީރާގެ މުވައްޒަފުންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ ސިލްސިލާ ހަރަކާތުގެ ބައެއް ކަމަށް މީރާގެ މުވައްޒަފުންގެ ޖަމިއްޔާ، މީރާ ކްލަބުން މައުލޫމާތު ދެއެވެ.

'ސޯލްޓް' ޕްރޮގްރާމަކީ ލީޑަޝިޕް އެކަޑެމީއިން އިންތިޒާމުކޮށްގެން ކުޑަކުދިންގެ ހިޔާއާ ގުޅިގެން، ހިޔާގެ ކުދިންނަށް ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ބޭނުމުގައި މި އަހަރު ސެޕްޓެންބަރު މަހުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުޑަކުދިންގެ ހިޔާގައި މި ކަމަށްޓަކައި ބޭއްވުނު ހަފްލާގައި މީރާގެ މުވައްޒަފުން ވަނީ ހިޔާގައި ތިބި ކުދިން ހިތް އުފާކޮށްދިނުމަށްޓަކައި އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް ހަވީރުގެ ސަޔަކާއެކު އުފާވެރި ހަވީރެއް ބާއްވާފައެވެ. މި ޕްރޮގްރާމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ކުޑަކުދިންގެ ހިޔާގެ ސީ.އީ.އޯ ޒީނާޒް އަދުނާން އަދި އެހެނިހެން މަސްއޫލުވެރި ފަރާތްތަކާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވެފައިވަނީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުން ވަރަށް ބޮޑު ތަރުހީބެއް ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއި މިފަދަ ގިނަ ހަރަކާތްތަށް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން އަބަދުވެސް ރާވައި ހިންގަމުންދާކަމަށެވެ. ކުޑަކުދިންގެ ހިޔާގެ ސީ.އީ.އޯ ޒީނާޒް އަދުނާންގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއް ކަމަށާއި މީރާގެ މުވައްޒަފުން ސްޕޮންސާކުރި 'ސޯލްޓް' ޕްރޮގްރާމުގެ ސަބަބުން ހިޔާގެ ކުދީންނަށް ހުނަރު ތަރައްގީކުރުމާއި އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަސްކޮށްދިނުމާއި މީހުންނާ ގުޅިގެން އުޅުމުގެ ހުނަރު ފަދަ ކަންތައްތައް ދަސްވެގެންދާނެކަން ފާހަގަކުރައްވައި، މީރާގެ މުވައްޒަފުންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ލިބެމުންދާ އެހީތެރިކަމަށްޓަކައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

20-12-15