ނޮވެންބަރު މަހުގެ ނިޔަލަށް މީރާއަށް ބަލައިގަތް އާމްދަނީ 12 ބިލިއަނަށް އަރައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ޖަނަވަރީން ނޮވެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ 12 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 14.7% ގެ ކުރިއެރުމެކެވެ.

ނޮވެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 46.1% އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ 21.6% އެވެ. އެހެންކަމުން ނޮވެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ އެވެ.

ނޮވެންބަރު 2015 ގައި މީރާއަށް ބަލައިގަތް އާމްދަނީއަކީ 833.2 މިލިއަން ރުފިޔާއެވެ. މިއީ ނޮވެންބަރު 2014 ގައި ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 4.7% ގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ނޮވެންބަރު 2014 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓު 12% އަށް އިތުރުވުމާ ގުޅިގެން ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާގެ އަދަދު 32.7% އިތުރުވުމެވެ. ނަމަވެސް މިއީ 2015 ވަނަ އަހަރުގެ ނޮވެންބަރު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 7.6% ދަށް އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ ނޮވެންބަރު މަހު ބަލައިގަތް އާމްދަނީ ދަށްވެފައިވަނީ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ފައިސާ ލިބިފައިނުވުމާއި، އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވުނު އަދަދަށް ފަތުރުވެރިން ނައުމާއެކު ނޮވެންބަރު މަހު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު މިންވަރު ދަށްވުމުގެ ސަބަބުންނެވެ.

ނޮވެންބަރު މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 473.04 މިލިއަން ރުފިޔާ ނުވަތަ 56.8% އެވެ. ނޮވެންބަރު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ (193.56 މިލިއަން ރުފިޔާ ނުވަތަ 23.2%) އެވެ. މީގެ އިތުރުން، އެއަރޕޯޓް ސަރވިސް ޗާޖު (58.42 މިލިއަން ރުފިޔާ ނުވަތަ 7.0%) އާއި ބީ.ޕީ.ޓީ (32.67 މިލިއަން ރުފިޔާ ނުވަތަ 3.9%) އަދި ރެޒިޑެންޓް ޕަރމިޓް (24.41 މިލިއަން ރުފިޔާ ނުވަތަ 2.7%) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

ނޮވެންބަރު 2015 ގައި ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 37.91 މިލިއަން ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިންކުތައް

1.       ނޮވެންބަރު 2015 ގެ ރެވެނިއު ކަލެކްޝަން ރިޕޯޓް:

http://www.mira.gov.mv/reports/Nov15.pdf

2.       ނޮވެންބަރު 2014 ގެ ރެވެނިއު ކަލެކްޝަން ރިޕޯޓް:

https://www.mira.gov.mv/reports/Nov%2014_150517.pdf

08-12-15