ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެ

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ އަނެއްކާ ވެސް އިންތިޚާބުވެއްޖެއެވެ. މި ކޮމިޓީއަށް ދިވެހިރާއްޖެ އިންތިޚާބުކުރެވުނީ ވޭތުވެދިޔަ ނޮވެންބަރު މަހުގެ 16 އިން 20 އަށް މެލޭޝިއާގެ މަލަކާގައި ބޭއްވުނު ކާޓާގެ 13 ވަނަ އެނުއަލް ޖެނެރަލް މީޓިންގައެވެ.

ކާޓާއަކީ އެކި ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި އުފައްދާފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަމްއިއްޔާއެވެ. ކާޓާގެ މެންބަރުންގެ ގޮތުގައި މި ވަގުތު 47 ޤައުމުގެ ޓެކްސް އިދާރާ ހިމެނެއެވެ. ދިވެހިރާއްޖޭގެ އިތުރުން މި ދައުރުގެ މެނޭޖްމަންޓް ކޮމިޓީއަށް އިންތިޚާބުވި ޤައުމުތަކަކީ ނައިޖީރިއާ، ކެންޔާ، ގާނާ، ބޮޓްސްވާނާ، ނެމީބިއާ، މޮރިޝަސް، ސްރީލަންކާ، އިންޑިއާ، މޯލްޓާ، އިނގިރޭސި ވިލާތް، ކެނެޑާ، ބާބެޑޮސް އަދި ޕަޕުއާ ނިއުގިނީ އެވެ. 14 ޤައުމު ހިމެނޭ މި ކޮމިޓީއަކީ 3 އަހަރުދުވަހުގެ މުއްދަތަށް އިންތިޚާބުކުރެވޭ ކޮމިޓީއެކެވެ.

ކާޓާއަކީ މެމްބަރު ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ރޭވުމުގެ އިތުރުން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޓެކްސް ނެގުމުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ޖަމްއިއްޔާއެކެވެ. މި މަޤްޞަދު ޙާސިލްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މެންބަރު ޤައުމުތަކުގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބުކުރެވިގެން އެކުލަވާލެވޭ މެނޭޖްމަންޓް ކޮމިޓީއެވެ. ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ ފުރަތަމަ އިންތިޚާބުވެފައިވަނީ 2012 ވަނަ އަހަރުއެވެ.  

 

01-12-15